ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ނިންމީ، ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ބަދަލުތައް ގެނައުމަށް ދިރާސާތަކެއް ކޮށްފައިވާ ކަމަށާ އެ ބަދަލުތައް ގެނައީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ތަޖުރިބާކާރުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މައުލޫމާތާއި ތަފާސްހިސާބު އެއްކޮށްފައިވާ ކަމަށް މުންދު ވިދާޅުވިއެވެެ.

އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރަންޖެހޭ ގޮތަށް، ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމާ ގުޅޭގޮތުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޓީއާ ވެސް މަޝްވަރާ ކުރައްވާފައިވާކަން މުންދު ވަނީ ފާހަގަކުރައްވާފައެވެ.

މުންދު ވިދާޅުވީ މިދިޔަ ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި، އަށެއްކަ ވިޔަފާރިން، ކަޅު ބާޒާރަށް 79 މިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތުގެ ބިލަށް ގެނެވުނު އިސްލާހާއެކު، ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެ ބިލުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15,000,000.00 (ފަނަރަ މިލިއަން) އިން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.