އިޓާލިއަން ސީރީއާގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ނަޕޯލީ ބަލިކޮށްފި އެވެ.

ސަން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފަސް ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. އިންޓައިން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ނަޕޯލީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށެވެ.

މެޗުގައި ނަޕޯލީން ލީޑު ނެގީ ދެވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި މަޓެއޯ ޕޮލިޓާނޯ ޖަހައިދިން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ރަސްމުސް ހޮއިލަންޑް އެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ، އިންޓަގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާފަ އެވެ.

އިންޓައިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 82 ވަނަ މިނެޓުގައި މާކަސް ތުރާމް ޖަހައިދިން ލަނޑުންނެވެ. އަދި އިންޓަ މޮޅުވި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކުރީ މާޓިނޭޒް އެވެ.

ރޭގެ ބައްޔާއެކު ނަޕޯލީ މިވަގުތު އޮތީ ލީގުގެ 10 ވަނައިގަ އެވެ. އަދި ނުވަ ޕޮއިންޓާއެކު އިންޓަ ދެވަނައިގައި އޮތް އިރު، އެ އަދަދަށް ޕޮއިންޓް ހޯދައިގެން ރޯމާ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ރޯމާއިން ރޭ ވަނީ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު 2-1 އިން އެޓަލަންޓާގެ މައްޗަށް ކުރިހޯދާފަ އެވެ.

އިޓާލިއަން ލީގުގައި މިރޭ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، އޭގެތެރެއިން ޔުވެންޓަސް އާއި އޭސީ މިލާން ވާދަކުރާ މެޗު ފާހަގަކޮށްލެވެ އެވެ.