ޕީޕީއެމްއަށް އިލެކްޝަންސް ކޮމިޝަނުން އޭރުދިން ފައިސާ ހަރަދު ކުރީ ރައީސް ޔާމީންގެ ހަރަދުތަކަށް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކޮންގެރެސް ޕާޓީގެ ޖަގަހައިގެ ޖަލްސާގައި ވާހަކަ ދައްކަމުން މެންބަރު އިސްމާއިލް ވިދާޅުވީ، ރައީސް ޔާމީން މިއަދު ނުކުމެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކިއެކި ޒާތްޒާތުގެ ބަސްބަހުން ޖަހާއިރު ހަޔާތުގެ ކަންފުޅެއް ނެތް ކަމަށެވެ.
މިހާރު ޔާމީން އަރިހުގައި ތިއްބެވި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަލީހް ޖަމާލް ފަދަ ބޭފުޅުން ޕާޓީއަށް އެއްވެސް ޚިދުމަތެއް ކޮށްދީފައި ނުވާ ކަމަށް މުހައްމަދު އިިސްމާއިލް އިތުރަށް ވިދާޅުވިއެވެ. އަދި ޕާޓީ މަގުމަތީގައި އޮތްއިރު ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތްކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ ޕާޓީގެ ލީޑަޝިޕް ކަމަށާއި، ބަންދުގައި ހުންނަން ޖެހުނު ދުވަސްވަރުވެސް އާއިލާގެ ކަންކަން ބަލަހައްޓައިދެއްވީ ރައީސް މުއިއްޒު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މެންބަރު ވިދާޅުވީ، ދައުލަތުން ޕާޓީތަކަށް ފައިސާ ހަރަދު ކުރަނީ ރައްޔިތުންގެ ކަންކަމާއި އެ ޕާޓީގެ ކަންކަން ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ކުރުމަށްޓަކައި ކަމަށެވެ. އެހެންނަމަވެސް އޭރުގައި ޕީޕީއެމް އޮތް އިރު ޕީޕީއެމްއަށް ދައުލަތުން ދިން ފައިސާގައި ކުރި ކަންތައް ހަދާނުގައި އެބަ ހުރި ކަމަށް މެންބަރު ވިދާޅުވިއެވެ.
ޕީއެންސީއާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކޮންމެވެސް ވަރަކަށް ޖެހިލުން ވާންޖެހޭނެ ކަމަށާއި ލަދުގަންނަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. މިއަދު ޕީއެންސީއަކީ ރައްޔިތުން ގަބޫލު ކުރާ ރައްޔިތުން ލޯބިވާ ރައްޔިތުންނަށް ހެޔޮލަފާ ވެރިކަމެއް ކޮށްދޭ ފާޓީއެއްކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.
މެމްބަރު ވަނީ ކުރީގެ ވެރިންނަށް ރައްޔިތުން ފަސް އަހަރުގެ ދައުރެއް ދިނުމުން ގައުމަށް ނުގެނެވުނު އިސްލާހީ ބަދަލެއް ދެން ގެނެވިދާނެތޯ ސުވާލު އުފައްދަވާފައެވެ. މިކަންކަމަށް ބަލައި 2028 ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީން ކުރަމުންދަ މަސައްކަތް ހަލުއިކުރުމަށް މެމްބަރު ގޮވާލެއްވިއެވެ.