ޕްރެސާ ވިތް ދަ ސްޕޯކްގެ މިއަދު ބާއްވަން ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސް ކެންސަލްވީ "ސައްހަ" ނޫން ނުސްވެރިއަކު ޕްރެސްއަށް ހުރަސްއެޅުމުން ކަމަށް ޗީފް ގަވަރމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް(މުންދު) ވިދާޅުވެއްޖެއެވެ.

މިއަދުގެ ބައްދަލުވުން ކެންސަލްކުރާކަން ހާމަކުރައްވާ މުންދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޕްރެސާ ވިތް ސްޕޯކްގެ އިތުރު ބައްދަލުވުމެއް މިއަދު ހަވީރު 4:00 ބޭއްވުމަށް ރަސްމީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށް ހަމަޖެހިފައި އޮންނަ ގްރޫޕުން "ސައްހަ" މީޑިއާތަކަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ގްރޫޕްގައި ނުހިމެނޭ ،"ޑްރާމާ އާއި ފިލްމު ކުޅުމާއި" ޤައިރު ގާނޫނީ ކަންތައް ކުރުމުގައި މީޑިއާގެ ތޮފިއަޅައިގެން އުޅޭ ކަމަށް އަދަދު ނޫސް ސިފަކުރައްވާ މުންދު ވިދާޅުވީ ޕްރެސް ކޮންފަރެންސަށް ހުރަސްއެޅުމަށްޓަކައި އެނޫހުން އިތުރު ޑްރާމާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ ޕްރެސާ ވިތް ސްޕޮކްސްއަށް ދައުވަތު އަރުވަނީ ރައީސުލްޖުމަހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސަށް ދައުވަތު އަރުވާ ރަސްމީކޮށް ގެޒެޓް ކުރެވި އިއުލާންކޮށް އަދި ރަސްމީ ގޮތުން ހުރިހާ މީޑިއާތަކެއް ވެސް ސްކްރީންކުރެވި ކޮންމެ މީޑިއާއަކުން އެކަށައަޅާ ނޫސްވެރިޔަކު ހިމެނޭ ގޮތަށް އޮންނަ ރަސްމީ ގްރޫޕެއްގައި ކަމަށެވެ.

މީގެ ދެ ތިން މަސް ކުރިން އަދަދު ނޫހުން ޣައިރު ގާނޫނީ އަމަލުތަކެއް ރައީސްޖުމްހޫރިއްޔާގެ އޮފީހުގައި ހިންގުމާއި ގުޅިގެން، އަދި ޖިނާއީ މައްސަލަތަކެއް އެފަރާތާއި ގުޅޭގޮތުން ކުރިއަށްދާތީވެ، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން . އަޅުގަނޑުމެން ވާނީ އެ ގްރޫޕުން އަދަދު ނޫސް އެ ހިސާބުން ވާނީ އުނިކޮށްފައި. މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކު ރައީސުލްޖުމްހރީއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ޕްރެސްކޮންފަރެންސެއްގައި ބައިވެރިވެފައެއް ނޯންނާނެ. އެއީ ރައީސުލްޖުމްހީރިއްޔާ ބާއްވާފައިވާ ޕްރެސްކޮންފަރެންސްތައް ކަމަށްވިޔަސް، ވަޒީރުން ބާއްވާ ކޮންފަރެންސް ކަމަށްވިޔަސް އަދި ހުދު އަޅުގަނޑު ބާއްވާ ޕްރެސަރ ވިތް ސްޕޮކްސްގެ ޕްރެސް ކޮންފަރެންސްތަކުގައިވެސް ބޭފުޅުންނަށް ޖާގަ ދީފައެއް ނޯންނާނެ.

ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް

އެގޮތުން މިއަދު ބާއްވަން ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށްވެސް އެ ގްރޫޕްގައި ހިމެނޭ މީޑިޔާތަކަށް ދައުވަތު އެރުވިކަމަށާއި އެކަމަށް އިޖާބަދީ 20ށް ނޫސްވެރިން އެ ގަޑީގައި ނަން ނޯޓުކުރިކަމަށް މުންދު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ނަން ނޯޓުކުރަން އިންނަނީ ވަކި ނަންބަރެއްކަމަށާއި އެނަންބަރަށް އަދަދު ނޫހުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ފޮނުވިކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް އެކަން ގަބޫލުކުރިކަން ރައީސް އޮފީހުން އަދަދު އަންގާފައިނުވާނެކަމަށް މުންދު ވިދާޅުވިއެވެ.

އެހެންކަމުން ގަވާއިދާ އުސޫލުގެ ތެރެއިން ކަންކަން ރާވާފައިވަނިކޮށް ޕީއެސްއެމްގައި އޮތް މި ނޫސް ކޮސްފަރެންސްގެ ވަގުތާއި ކައިރިވިތަނާ އަދަދު ނޫހުގެ ނޫސްވެރިއެއް އެތަނުގެ ތެރޭގައި އިށީންދެ އެތަނުން ނުކުންނަން ބޭނުންނުވިކަމަށް މުންދު ވިދާޅުވިއެވެ. އެހެންވެ ޕްރެސް ކޮންފަރެންސް ލަސްކުރަމުން ގެންދިޔައީކަމަށާއި ނަމަވެސް ބައްދަލުވުން ކުރިޔަށް ގެންދަން އޮންނަ ވަގުތު ހަމަވުމާއެކު ޕްރެސް ކޮންފަރެންސް މިއަދު ނުބާއްވާ ގޮތަށް ހަމަޖައްސާކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ އެހެންނަމަވެސް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއަދަދު ބާއްވާނަން ވަރަށް އަވަހަށް ސައްހަ ނޫސްވެރިންނާއެކު ސައްހަ މީޑިޔާތަކާއެކުގައި. އެއީ ރައްޔިތުންނަށް އަޅުގަނޑު މައުލޫމާތުދޭން ކުރާ މަސައްކަތްތައް އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތަކާއި އެބޭފުޅުން، ޒިންމާދާރު ނޫސްވެރިންގެ ހައިސިއްޔަތުން ހުރި ސުވާލުތަކަށް ޖަވާބުދާރީވުމަށް ހުރަސް އެޅުމަށް އަޅުގަނޑު އަދަދު ނޫހަކަށްވެސް އަދި އެހެން ނޫހަކަށްވެސް އެފުރުސަތު ނުދޭނަން

މުހައްމަދު ހުސައިން ޝަރީފް / ޗީފް ސްޕޯކްސް ޕާސަން

މި އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވުމަށް ފަހު މުހައްމަދު ހުސައިން ޝަރީފް ވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް "ޕްރެސާ ވިތް ސްޕޮކްސް" ގެ ނަމުގައި ސިލްސިލާ ބްރީފިންތަކެއް ދެއްވަން ފައްޓަވާފައެވެ.

އަދި ކޮންމެ ބައްދަލުވުމެއް ވެސް ގާތްގަނޑަކަށް 55 މިނެޓަށް ދެމިގެންދާނެ ކަމަށާއި މަގުޞަދަކީ ނޫސްވެރިންނަށް ސަރުކާރުގެ ބަޔާންތަކާއި މައުލޫމާތާއި ތަފާސްހިސާބު ހޯދުން ފަސޭހަ ކުރުން ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.