އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުން ނިންމާލުމަށް ފަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އިހުސާން ވަނީ، ދިވެހި ފުލުހުންނަށާއި، ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނާއި، އެ ފަރާތްތަކުގެ އާއިލާ ތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި މަރުހަބާ ދަންނަވާފަ އެވެ.
ވަޒީރު ވިދާޅުވީ، މިއަދަކީ ދިވެހި ތާރީހުގައި، ހާއްސަކޮށް ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ. އަދި އަސްކަރީ ހިދުމަތެއްގެ ތެރޭގައި ފުލުހުންގެ ހިދުމަތް އޮތުމަށް ފަހު، މަދަނީ ހިދުމަތަކަށް ބަދަލުވެފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް އައި އިރު، ފާއިތުވި 22 ވަރަކަށް އަހަރަށް ބަލާލައިފި ނަމަ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމު ވެގެން ގޮސްފައިވަނީ ވަރަށް ފަހުން ކަމަށެވެ.
ވަޒީރު އިހުސާން ވިދާޅުވީ، މި ސަރުކާރު ނިމޭ އިރު، ދިވެހި ފުލުހުންނަށް އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާނެ ފުރިހަމަ އިންފްރާސްޓްރަކްޗާ އަދި މޭން ޕަވާ ގާއިމު ކުރެވި ބޭނުންވާ ތަމްރީނުތައް ދެވޭނެ ކަމަށެވެ.
އެއަށްފަހު، ދިވެހި ރައްޔިތުން އެދޭފަދަ ހިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުް ކުރިއަށް އޮތްތާގައި ލިބެމުން ދާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.