މާލޭ ސަރަހައްދުން 426 ބިދޭސީން ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ޓާސްކް ފޯހުން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މާލެއާއި އަތޮޅުތެރޭގެ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.
އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހާ ހަމައަށް 12،552 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފައިވެއެވެ. އޭގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނެ އެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ހޯމް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.