އެމްޑީޕީން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މެންބަރު ޒަރީރު މިފަދައިން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޒަރީރު ވިދާޅުވީ، ނިިމިދިޔަ އެއްވެސް ސަރުކާރަކުން އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި ނުކުރާހާ ގިނަ މަސައްކަތް ވަރަށް ކެރި ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމަށެވެ. އެގޮތުން ދަތި އުނދަގޫ ނިންމުންތައްވެސް ނިންމަވައި މި ގައުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އުނދަގޫ އިސްލާހުތައްވެސް ގެނެސްފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ.
މީގެ ކުރިންވެސް ގާނޫނަށް އިސްލާހުތައް ގެނައި ކަން ފާހަގަކޮށް ޒަރީރު ވިދާޅުވީ އެހެންނަމަވެސް އެކަންކަން ތަންފީޒު ނުކުރާ ކަމަށެވެ. ޒަރީރު ވިދާޅުވީ ގައުމެއްގެ މާލީ ނިޒާމްތަކަށް ގެންނަ ގާނޫނުތަކަކީ، އެގައުމެއްގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ގާނޫނުތަކެއް ކަމަށެވެ.
ނަމަވެސް އެމްޑީޕީން ދައްކަނީ ހަގީގީ ވާހަކައެއް ނޫން ކަމަށާއި، ގައުމުގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައި ކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއަށް ވަންނަ ބޭރު ފައިސާގެ 98 އިންސައްތައަކީ ފަތުރުވެރިކަމުގެ ދާއިރާތަކުން ވަންނަ ފައިސާ ކަމަށާއި، އެ ދާއިރާއަށް ބޭރު ފައިސާ ނުވައްނަކަމަށް ވާނަމަ ގައުމު ހިނގާނީ ކިހިނެއްތޯ ޒަރީރު ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން މެންބަރު ޒަރީރު ވިދާޅުވީ ރާއްޖެފަދަ ކުޑަ ގައުމަކުން ލޯނެއް ނަގާއިރު އެ ލޯނު ނަގަނީ ރިކަރަންޓް ހަރަދު ފޫބައްދަން ނޫންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުން 124 ބިލިއަން ޑޮލަރުން ރާއްޖެ ދަރުވާލިއިރު، ނެގި ލޯނުގެ 90 އިންސައްތަ ހަރަދުކުރީ ރިކަރަންޓް ހަރަދަށް ކަމަށް ޒަރީރު ވިދާޅުވިއެވެ.
ލޯނުގެ ބޮޑުބައެއް ރިކަރަންޓް ހަރަދަށް ކުރުން އެއީ ދުނިޔޭގެ އެއްވެސް ގައުމަކު ކަންކުރާ ގޮތެއް ނޫންކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 124 ބިލިއަން ޑޮލަރުގެ ދަރަންޏާއެކު ގައުމު ދަރާފައި އޮތީ މި ސަބަބާހުރެކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ އޭރު އޮތް ބިޔަ ދަރަންޏާއެކު ސަރުކާރަށް ތިން މަހުވެސް "ހިފަހައްޓާ ނުލެވޭނެކަމަށް" ގިނަ މީހުން ބުނި ކަމަށެވެ. އަދި ހަ މަސް ތެރޭގައި ގައުމު އިނދަޖެހި ރައީސް މުއިއްޒު އިސްތިއުފާދެއްވާނެކަމަށް އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން ބުނަމުން އައިކަން ވެސް ޒަރީރު ވަނީ ފާހަގަ ކުރައްވާފައެވެ.