މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ މަސްވެރިންގެ ދަފުތަރުގައި ދަފުތަރުވި މަސްވެރިންނަށް ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް 113 މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް މި ލޯނުތައް ދޫކުރަމުން ދަނީ "ބީއެމްއެލް މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް، މަސްވެރިކަމާ ބެހޭ ވުޒާރާ އާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

އެސްކީމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް އެއްވެސް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ބޭނުންނުކޮށް 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މަސްވެރިންގެ އާމްދަނީއަށް ބަލައި ކްރެޑިޓް ކާޑު ދޫކުރުމާއި، ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ބޮޑެތި ބޭނުންތަކަށް ބޭނުންވާ ކްރެޑިޓަށް ވެސް ފަސޭހައިން ހުށަހެޅޭނެއެވެ.