ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ބަދަލުގެނެސް، ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް، އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 2،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.

އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 1،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.

ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލުގެ ތެރޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތަކީ 500،000 އިން 2،000،000 އަށް އަދި ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތް ވަނީ 200،000 އިން 2،000،000 އަށް ބޮޑުކޮށްފައެވެ.

ރެމިޓެންސްގެ ޚިދުމަތުގެ ގޮތުގައި 200،000 އިން 2،000،000 އަށް އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތުގެ ގޮތުގައި 100،000 އިން 1،000،000 އަށް އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ވަނީ 100،000 އިން 1،000،000 އަށް ހަމަޖައްސާފައެވެ.

އެމްއެމްއޭ އިން ބުނީ މި އިސްލާހުގެ މަގުސަދަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަން ކަން ކަށަވަރުކުރުން ކަމަށެވެ.

އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.