މޫސުމީ ކަންކަމާއި ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އޭގެ ތެރޭގައި މޫސުމީ ޢިލްމު ކުރިއެރުވުމާއި، ވައިގެ ފެންވަރު ދެނެގަނެ ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި ގުޅޭސެޓެލައިޓް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ތިމާވެށި ބެލެހެއްޓުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް، ދިވެހި ފަންނީ މުވައްޒަފުންގެ ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.