ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހުރިހާ ގުނަވަންތަކެއް ހިނގާނީ ޕާޓީގެ ހުރިހާ މެންބަރުން ޝާމިލްވާނެ ގޮތަށް ކަމަށާއި، ކޮންގްރެސް ވެގެންދާނީ ޕާޓީގައި ހިނގާ ކަންކަމާއި، ޕާޓީގެ މާޒީއާއި ޕާޓީގެ މުސްތަގްބަލާ ގުޅޭގޮތުން ކުރެވޭ މަޝްވަރާއަކަށް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލީހުގެ ކޮންގްރެސްއާ ގުޅޭ މައުލޫމާތުތައް ގެނެސްދިނުމަށް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝިޔާމް ވިދާޅުވީ، ވެރިކަމުގައި އޮތަސް ޕީއެންސީގެ ހަރަކާތްތައް ފަނޑުނުވާނެ ކަމަށާއި، އެ ޕާޓީއަކީ ރައްޔިތުންގެ ހިސާބުގައި މަސައްކަތްކުރާ ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ. އަދި ވެރިކަމުގައި އޮތަތީ ޕާޓީގެ ހަރަކާތްތައް ފަނޑުވެގެންނުވާނެ ކަމަށް ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ވެރިކަމުގައި އޮވެ ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބާއްވަން ފަސްޖެހޭ ކަން ފާހގަކުރައްވައި ޝިޔާމް ވިދާޅުވީ، އެހެންނަމަވެސް ޕީއެންސީއަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ހިޔާލާ މަޝްވަރާއާ އެއްކޮށް ހިންގާ ޕާޓީއެއް ކަމަށެވެ.
އެހެންކަމުން ސެޕްޓެމްބަރު މަހު 15 އިން 18 އަށް އޮންނަ ޕާޓީގެ މަތީ މަޖިލީހުގެ ތައްޔާރީތައް ކުރިއަށްދަނީ ވަރަށް ފޯރީގައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ޕާޓީ ވެރިކަމެއްގައި ޕީއެންސީ ފަނޑުވެގެންނުދާނެކަން ދައްކުވައިދީފައިވާކަމަށާއި، ރިޔާސީ ނިޒާމު ރާއްޖެއަށް އައިފަހުން ވެރިކަމުގައި އޮވެމެ ޕާޓީގެ މެންބަރުންނަށް ޕާޓީގެ ސިފަ ދައްކުވައިދިން ހަމައެކަނި ޕާޓީއަކީ ޕީއެންސީކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް އަކީ ދެފަރާތަށް ވާހަކަދެކެވޭ އެއްވެސް ހުރަހެއް ނެތް ކޮންގްރެސް އަކަށް ވާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރައްވަނީ ރައްޔިތުންނާ ގާތުން ކަމަށެވެ. އަދި އެކަމުގެ ހެއްކަކީ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.