ފަލަސްޠީނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ، ސަފީރު ކަމުގެ ފަތްކޮޅު އެ ޤައުމުގެ ސަރުކާރަށް އަރުވައިފިއެވެ.
ރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ މަޤާމުގެ ދައުރު ފުރިހަމަ ކުރައްވާނީ ރާއްޖޭގައި ހުރެގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ އެ ރަސްމިއްޔާތުގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޮންލައިންކޮށެވެ.
ރާއްޖެއިން ފަލަސްޠީނަށް ކަނޑައަޅާފައިވާ އައު ސަފީރު، ފަތްކޮޅު އެރުވީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަންއަށެވެ.
މި ބައްދަލުވުމުގައި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަން ވަނީ ސަފީރު ޒުހުރީއަށް މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރުގެ މަޤާމުގެ ދައުރުގައި އިތުރު ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ސަފީރު ޑރ. ޒުހުރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުމާއި ތަހުނިއްޔާ ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މިބައްދަލުވުމުގައި ސަފީރު ޒުހުރީ ވަނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގެ ތެރޭގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. ފަލަސްޠީނުގެ މައްސަލައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބި ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ފަލަސްޠީނަކީ މިނިވަން އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ޤައުމެއްކަން ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމަށާއި، އެ ޤައުމުގެ ބޯޑަރު ކަނޑައަޅަންވާނީ 1967 ކުރީގެ ބޯޑަރަށް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމާއެކު ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވެން ޖެހޭކަމަށް ވިދާޅުވިއެވެ.