ހުޅުމާލޭގައި 2 ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިލްސިލާ ޕްރޮގުރާމް "ރައްޔިތުންގެ އަޑު" ގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސް ވިދާޅުވީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި އިތުރު ޖީޕީ ކްލިނިކެއް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކޮށް، ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ދެތަން ގާއިމުކޮށް ނިމުމުން، ސިއްހީ ނިޒާމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދަނެ ކަމަށެވެ. އަދި ސިއްހީ ދާއިރާއިން މުވައްޒަފުން އިތުރުކުރާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ހަމައެކަނި މުވައްޒަފުން އިތުރުކުރަން ނިންމާފައިވާ ދާއިރާ އަކީ ސިއްހީ ދާއިރާ ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ސިއްހީދާއިރާ އިން ގާތްގަނޑަކަށް 2000 އަކަށް މުވައްޒަފުން ނަގަން ހަމަޖައްސާފައިވާ ކަމަށާއި، އެ މަސައްކަތް ބެޗްބެޗަށް ބަހާލައިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިއްހީ ދަތިތަކަށް ހައްލެއް ލިބެން 6 ނުވަތަ 4 މަސް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތި ވިދާޅުވި ކަންތައްތަކަށް އެޑްރެސް ކުރަން ވަގުތު ކޮޅެއް ނަގަނީ، އަޅުގަނޑަށް ހަމަ ހީވޭ އަދި 6-4 ވަރަކަށް މަސް، އެއީ ފިޒިކަލީ ކޮންސްޓްރަކްޓު ކޮށް ނިންމާ އެކަމަކު ސްޓާފުން އިތުރުކުރަން އެހާ ގިނަ ދުވަހެއް ނުނަގާނެ ކަންނޭގެ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ މާލޭގައި މީހުން ގިނަވާ މިންވަރާ ގުޅުވައިގެން މާލެ އަދި ހުޅުމާލޭގައި ސައްހީ ނިޒާމު ހަރުދަނާ ކުރަން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.