މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، (26އ) ހުސައިން ޝާވިން އާއި ތ. ތިމަރަފުށި / ވިލާ، (21އ) މަރްޔަމް އިޝާ އަޝްރަފް އާއި، ސ. ހުޅުދޫ / ރޭޝަމް، (25އ) މުހައްމަދު ނާހިލް އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ޝާވިން އާއި، އިޝާ އަޝްރަފް 15 ދުވަހަށް އަދި މުހައްމަދު ނާއިލް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.