ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިދިޔަ މަހު މަސްދޯނިފަހަރަށް 29.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓު މަހު، އެ ކުންފުނިން ވަނީ، 29،986،550 ރުފިޔާ ދޯނިފަހަރަށް ދޫކޮށްފަ އެވެ.
މަސްދޯނިފަހަރުން މިފްކޯ އަށް ކިރުވި މަހަށް މިފްކޯއިން ދައްކާފައިވާ ފައިސާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މި މަހު މިފްކޯ އިން ވަނީ ކަޅުބިލަ މަސް ކިރުވި 15 ދޯންޏަކަށް 823،662 ރުފިޔާ ދައްކާފަ އެވެ. އަދި މިދިޔަ މަހު ކަޅުބިލަ މަސް ކިރުވި 535 ދޯންޏަކަށް 29،454،815 ރުފިޔާ، 10 ކިލޯ އިން މަތީގެ ކަންނެލި ކިރުވި 6 ދޯންޏަކަށް 284،455 ރުފިޔާ، 15 ކިލޯ އިން މަތީގެ ކަންނެލި ކިރުވި 14 ދޯންޏަކަށް 247،280 ރުފިޔާ ހިމެނޭ އިރު، ޖުމްލަ 535 ދޯންޏަކަށް 29،986،550 ރުފިޔާ މިފްކޯ އިން ވަނީ ދޫކޮށްފަ އެވެ.
މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯ އިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައި ކަމަށްވީ އިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގު ވަނީ 21 އަށް އަރައި، އިތުރު 1 ރުފިޔާ ބޮޑުވެފައެވެ.