ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ކުލަ ޖެހިފައިވާ ދައުވާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ) ވިދާޅުވެއްޖެ އެވެ.
ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ އިދާރާތަކަށް ހަގީގަތާއި ހިލާފު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހެޅުމާއި ގުޅިގެން ސޯލިހު އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ، ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކަނޑައެޅިގެން ސިޔާސީ ކުލަ ޖެހި، ވަކި ބައެއްގެ މަސްލަހަތަށްޓަކައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.
ސޯލިހު ވިދާޅުވީ، ޒާތީ ހަސަދަ އެކުލެވިފައިވާ މިފަދަ ދައުވާއަކުން މޭޔަރު ސައުދު ތިނަދޫ ކުރިއެރުވުމަށް، ތިނަދޫ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުން އިންތިހާބު ކޮށްފައިވާ ބޭފުޅުންނަށް ބިރުދައްކައި، ލާމަރުކަޒީ ނިޒާމު ނެތިކޮށްލައި، ބާރުތައް މައި ސަރުކާރަށް ޖަމާ ކުރުމަކީ ރާއްޖޭގެ ތަރައްގީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި, 2023 ވަނަ އަހަރު ތިނަދޫގައި 10،000 މީހުންގެ އާބާދީ އޮތްކަން ދެއްކުމަށްޓަކައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައިގެން ސައުދު ސިޓީ ފޮނުވާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ސައުދުގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކަމަށް ޕީޖީން ބުނެ އެވެ.