އަންހެނުން އިގްތިސާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށ އަތޮޅުގައި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފި އެވެ.
ސިއްހަތާއި، އައިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ މަގްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުސަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިގްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމެވެ.
އެ ވުޒާރާއިން ބުނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިގްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ އަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރުން، މި މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10 ރަށެއްގައި ކުރިއަށްދާނެ ކަން ފާހަގަކޮށް އެ ވުޒާރާއިން ވަނީ، އެއީ، 19 ސެޕްޓެންބަރުގައި ފޯކައިދޫ، 20 ސެޕްޓެންބަރުގައި ގޮއިދޫ އަދި ކަނޑިތީމު، 21 ސެޕްޓެންބަރުގައި ފީވައް އަދި މިލަންދޫ، 22 ސެޕްޓެންބަރުގައި ށ ފޭދޫ އަދި ފުނަދޫ، 23 ސެޕްޓެމްބަރުގައި މާއުނގޫދޫ އަދި ކޮމަންޑޫ އަދި 24 ސެޕްޓެމްބަރުގައި ޅައިމަގުގައި ކަމަށް ބުނެފަ އެވެ.
އެ ވުޒާރާއިން ބުނީ، މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ހިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށާއި، މި ބައްދަލުވުންތަކުން ލިބޭ މައުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ހާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ މުހިންމު ނަތީޖާއަކަށް ވެގެންދާނީ އަންހެން ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އުފެދި، އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކާއި އިގްތިސާދީ މަސައްކަތްތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވުން ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، މި މެޕިންގްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެނުންގެ ވިޔަފާރިތައް ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތަކާއި، ނެޓްވޯކިންގ ފުރުސަތުތައް އަދި ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މިއީ މި މަޝްރޫއުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސް ވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ އަދި އދ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.
އިގްތިސާދީ އަދި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އަހައްމިއްޔަތުކަން ދެއްވާކަމެއް ކަމަށް އެ ވުޒާރާއިން ބުނެ އެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މުހިއްމު އެއް އަމާޒުކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
އެހެންކަމުން މި މަޝްވަރާތަކުގައި ބައިވެރިވާން އެދޭ މީހުންރެޖިސްޓްރޭޝަން ލިންކްފުރިހަމަކުރުމަށް އެ ވުޒާރާއިން ވަނީ އެދިފަ އެވެ.