ރާއްޖެއަށް މެދުނުކެނޑި ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓޭޓް ފާމާއިން ބުނީ، މިއީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ދަތިކަމެއް ނައިސް، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަރުގަދަކުރުން ކަމަށެވެ.

ހިރާނިސް ފާމަސޫޓިކަލްސް (ޕްރައިވެޓް) ލިމިޓެޑަކީ ބައިނަލްއަގުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ، ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެކެވެ.

ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖެ، ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭހެން އޭޝިއާގެ ގިނަ ގައުމުތަކަކަށާއި ދުނިޔޭގެ އެހެނިހެން މާކެޓްތަކަށްވެސް މި ކުންފުނީގެ އުފެއްދުންތައް އަންނަނީ ފުޅާ ދާއިރާއެއްގައި ސަޕްލައިކުރަމުން ކަމަށް ސްޓޭޓް ފާމާއިން ފާހަގަކުރެއެވެ.