ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މާލެ ސިޓީ ކައުންސިލަށާއި މާލޭގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ހިދުމަތްތަކަށް ނުހަނު ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލާ ގުޅިގެން ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުންދިޔަ އާމްދަނީ ސީދާ ކައުންސިލަށް ނުލިބޭގޮތް ހެދުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އެގޮތުގައި، ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ވިއްސާރަވެ ފެންބޮޑުވާ ޙާލަތްތަކުގައި ފެން ހިންދުމަށާއި، ޑިޒާސްޓަރ ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ފައިސާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާއީ އެތައް މުހިންމު ހިދުމަތްތަކަކަށް ވެސް ބޭނުންކުރަމުން އައީ އެ ފައިސާއެވެ.

އެހެންކަމުން، އެ ފައިސާ ކައުންސިލުން އުނިކުރުމަކީ ރައްޔިތުންނަށް ދެމުންދާ މިފަދަ ޒަރޫރީ ހިދުމަތްތައް ހުއްޓުމަކަށް އައިސް، މުޅި މާލޭގެ ޢާންމު މަޞްލަޙަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން އާޒިމް ވަނީ، މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި، ލާމަރުކަޒީ ނިޒާމުގެ ހަގީގީ ރޫޙާ އެއްގޮތަށް، ޓްރާންސްޕޯޓް ގާނޫނަށާއި ބިން އަތުލެވޭ ގާނޫނަށް ގެނެވުނު ބަދަލުތައް މުރާޖަޢާކޮށްދެއްވުމަށާއި، ކައުންސިލަށް ލިބެންޖެހޭ މާލީ ބާރުވެރިކަން އަނބުރާ ހޯއްދަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.