ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ކުރީގެ ވަޒީރު އިބްރާހިމް އަމީރު ވަޒީރު ކަމުގައި ހުންނެވި އިރު ގައުމު ވައްޓާލި އަނދަވަޅުން ސަލާމަތް ކުރުމަށް ރެޔާދުވާލު މަސަކަތް ކުރައްވަމުން ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އެކި ވެރިކަންތަކުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުން މިވަރަށް ފަގީރުވި ވެރިކަމެއް ކުރިމަތިނުލާ ކަމަށެވެ.
އަމީރު ވިދާޅުވީ މި ވެރިކަން އައި ފަހުން ރާއްޖޭގެ ރައްޔިތުން 10،000 ރުފިޔާ އަށް ގަންނަ ތަކެތި މިހާރު ގަންނަން ޖެހެނީ 20،000 ރުފިޔާއަށް ކަމަށާއި، 2023 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސަންޓާއި 40 ޕަސަންޓާ ދެމެދު ފަގީރުވެފައިވާ ކަމަށެވެ.
މި ކަމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ، ރައީސްމުޢިއްޒު ގެންދަވަނީ ރެއާއިދުވާލު އަމީރުގެ މާލީވަޒީރުކަމުގައި މިގައުމު ވައްޓާލާފައިވާ އަނދަވަޅުން ގައުމު ސަލާމަތްކޮށް ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް ދުވަހަކުވެސް ވެރިޔަކު ނުކުރައްވާހާ ބުރަކޮށް އިހުލާސްތެރިކަމާއިއެކު މަސައްކަތްޕުޅުކުރަށްވަމުން ކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރައީސް ނަޝީދު އަމީރު އަށް ނިސްބަތް ކުރައްވައި ދެއްކެވީ ރަނގަޅު ވާހަކަފުޅުތަކެށް ކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ، މުޅިންވެސް އަމީރުހަދާފައި ހުރީ ވައްކަމުގެ ރަޝީދު ކަމަށާއި، އަމީރުގެ މާލީވަޒީރުކަމުގައި ކުންފުނިތަކާއި މިނިސްޓްރީތަކުގެ އޮޑިޓްރިޕޯޓުތަށް ބަލާލުމުން ލޮލުން ކަރުނަހިފިނުހުންނަ ކަމަށެވެ.
މީގެ އިތުރުން ފަލާހް ވިދާޅުވި، އަމީރު އެކަހަލަ ވާހަކަ ދެއްކީމަ ގަޔަށް ހޮޑުލެވޭހެންވެސް ބައެއްފަހަރުހީވާ ކަމަށާއި، އަމީރު ހިތުން ކޮށްފަހުރި ވައްކަން އޮއްބާލަން މަސަކަތް ކުރި ނަމަވެސް އެކަމެއް ދެނެއް ނުވާނެ ކަމަށެވެ.