މ. ކޮޅުފުށި ރިންގް ރޯޑު ހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ނަޡީމްއެވެ.
އެ މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައި ވަނީ، 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ތާރު އަޅައިގެން 3 ކިލޯމީޓަރުގެ ރިންގް ރޯޑެއް ތަރައްޤީ ކުރާނެއެވެ. އަދި އެ މަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮޅުފުށީގެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިފަދަ މަޝްރޫޢުތަކަކީ، އެ ރަށުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން ރަށުގެ އިޤުތިޞާދާވެސް ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.