މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ސަރުކާރުން ކަނޑަމުންދަނީ އެ މުވައްޒަފުން ނިކަމެތި ކުރުމުގެ ބޭނުމުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގެ ތެރެއިންނެވެ.
އެގޮތުން މި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ޢާޒިމް ވިދާޅުވީ، ކައުންސިލަށް ލިބޭ އާންމު އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރުން މިހާރު ވަނީ ކަނޑާލާފައި ކަމަށެވެ.
އަދި އޭގެ ސަބަބުން ކައުންސިލްގެ ބަޖެޓް ބޮޑުތަނުން ޑެފިސިޓް ވެގެންދާނެ ކަމަށާއި ޒަމާނުއްސުރެ ކައުންސިލަށް ލިބެމުން އަންނަ އެތައް ބިލްތަކެއް އެބަހުރި ކަމަށާއި، މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލަށް ލިބޭ މަދު އެއްޗަކުން ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.
މިގޮތުން މޭޔަރު އާޒިމް ވަނީ ދައްކަން ހުރި ބޮޑެތި ބިލްތައް ދެއްކުމަށް ބަޖެޓް އިތުރަށް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފައެވެ.
ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން ކުރިން ސޭވްކޮށްފައި ހުރި ފައިސާގެ އެހީގައި މިދިޔަ މަހު މުވައްޒަފުންނަށް މުސާރަ ދެވުނު ނަމަވެސް، މި ހިނގާ މަހުގެ މުސާރަ ދިނުމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އަދި މި މަހު ވެސް ސަރުކާރުން ގްރާންޓުން 13 މިލިއަން ރުފިޔާ ކަނޑާލާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުންތަކުގެ ސަބަބުން ކައުންސިލްގެ ހިންގުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން މިސްކިތްތައް ބެލެހެއްޓުމަށާއި، މަގުތައް މަރާމާތުކޮށް ހެދުމަށާއި، އަދި ފްލެޓްތައް މަރާމާތު ކުރުން ފަދަ މުހިންމު ކަންކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދަތިތަކާއެކުވެސް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނީ ވީހާވެސް ޚަރަދު ކުޑަކޮށް މާލެ ސިޓީ ކައުންސިލް ހިންގޭތޯ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަހުވެސް ދަތި އުނދަގޫތަކެއް ހުންނާނެތީ، އެކަން މާލޭގެ ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.