ހުޅުމާލޭގައި ހަދާފައިވާ އުސް ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގައި ރައްކާތެރިކަމުގެ ރެއިލިން ހަރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އެވެ. އެގޮތުން މި ހުށަހެޅުން ފާސްވެފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ކައުންސިލަރު ޒާޔާ ފާހަގަކުރެއްވި ގޮތުގައި، ފަހަކަށް އައިސް ހުޅުމާލޭގެ އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިފަދަ ހިތާމަވެރި ހާދިސާތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އުސް ޓަވަރުތަކުގެ ބެލްކަނިތަކާއި ކުޑަދޮރުތަކުގައި ހާއްސަ ރެއިލިންތައް ހަރުކޮށްފައި ހުންނަ ކަމަށެވެ.
މިގޮތުން ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އޮތީ އެޗްޑީސީއަށް ކަމަށްވާއިރު، މި ފިޔަވަޅު ނާޅައިފިނަމަ އިތުރު ފުރާނަތަކެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ޒަހިއްޔާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީން ކޮންމެ ޓަވަރެއްގެ ބަލަދުވެރި ކުންފުންޏާ ގުޅިގެން އެ ޓަވަރެއްގައި ހުރި ކުޑަދޮރުތަކާއި ބެލްކަންޏާއި އެ ފަދަ އޯޕަން އޭރިއާސްތަކުގައި ރެއިލިން ޖަހަން ޖެހޭ ކަމުގައި ޒަހިއްޔާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓުތައް ހިނގުން އިތުރުވަމުންދާތީ، ފުލުހުންނާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށް އެޗްޑީސީއަށް އެންގުމަށް ވެސް ޒަހިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.
ސަލާމަތާއި ރައްކާތެރިކަމަށް ރެއިލިންޖެހުން ހުށަހަޅާފައި ވާއިރު، ހުޅުމާލޭގެ ސްޓެލްކޯ ފްލެޓުން ވެއްޓި ދެ އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އަމާން އުދަރެސް ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓި ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.