ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ކ. ގާފަރު، ކ. މާފުށި، ފ. ދަރަނބޫދޫ، ގދ. މަޑަވެލި ށ. ފުނަދޫ އެވެ.
މިނިސްޓްރީން އެ ކުންފުންޏާ ށ. ފުނަދޫގައި ހިންްގަން ހަވާލުކޮށްފައި ވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސެވެ. އަދި ގދ. މަޑަވެލީގައި ހިންގަން ހަވާލުކުރީ އެ ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެވެ.
ދަރަބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެ ކުންފުންޏާ ހަވާލުކުރި އިރު ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢު އަދި ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ – ފޭސް 2ގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 26.55 ހެކްޓަރު ބިން ހިއްކުމާއި، 3284 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރު ޖިއޯ ބޭގް ގްރޮއިން ޖެހުން ހިމެނެއެވެ.
މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުމާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. އަދި 253 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 537 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 535 މީޓަރު ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 367 މީޓަރު ކުރީގެ އެއްގަމުތޮށި މަރާމާތުކުރުމާއި، 383 މީޓަރު އައު އެއްގަމު ތޮށި ޖެހުމާއި، ރޭމްޕް ހެދުމާއި ކޮންކްރީޓް ޖެޓީ ހެދުމާއި ކޮންކްރީޓް ބްރިޖް އެޅުން ހިމެއެވެ. ހަމައެހެންމެ އެ މަޝްރޫޢުގެ ދަށުން ނެރު ބައްތި ޖެހުމާއި 24 މަގުބައްތި ޖެހުމާއި ޕޭވްމެންޓް ހެދުން ހިމެނެެއެވެ.
ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަވާލުކުރެވުނު މަޝްރޫޢު ނިންމަން ހަމަޖެހިފައި ވަނީ 360 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި 6 ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 635 މީޓަރުގެ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކް ވޯޓަރ ޖެހުމާއި 65 މީޓަރުގެ 4 ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކް ވޯޓަރ ޖެހުން ހިމެނެއެވެ.
ގާފަރު ބަނދަރު މަރާމަތުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި ބަނދަރު އަދި ނެރު ފުން ކުރުމާއި 420 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 17 މީޓަރު ބޮޑުހިލަ ސަބްމާރޖްޑް ބޭރުތޮށި ޖެހުމާއި 468 މީޓަރު މިހާރުގެ އެއްގަމުތޮށި މަރާމާތުކުރުމާއި ކޮންކްރީޓް ޖެޓީ ހެދުން ހިމެނެެއެވެ.
މީގެ އިތުރުން މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ، 25 ހެކްޓަރުގެ ބިން ހިއްކުމާއި 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓު ޖެހުމާއި، 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމާއި، 356 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.