ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި، ނާސަރީ އެޅުމަށް އިތުރު 10 ރަށަކަށް މާލީ އެހީދީފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެހީ ލިބުނު ރަށްރަށުގެ ކައުންސިލްތަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެގޮތުން ނާސަރީ އެޅުމަށް މާލީ އެހީ ދީފައިވާ ރަށްތަކަކީ، ހދ. ނޮޅިވަރަން،ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަނރަބޫދޫ، ދ. މީދޫ، ލ. ފޮނަދޫ، ލ. ހިތަދޫ، ގދ. ވާދޫ، ފުވައްމުލަށް ސިޓީ އަދި ސ. މީދޫ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، އެ ރަށްރަށުގައި ޤާއިމުކުރާ ނާސަރީތަކުން އުފައްދާ ގަސްތައް ކައިރި އެހެން ސަރަހައްދުތަކާއި ރަށްރަށަށް ފޮނުވައިގެން އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވާ ކަމަށާއި މިއާއެކު މިހާތަނަށް މުޅި ރާއްޖޭގައި 1.8 މިލިޔަން ގަސް އިންދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން މި އަހަރުގެ ތެރޭގައި 1 މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒު ފުރިހަމައަށް ހާސިލްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިސްކަންދީފައި ވާނީ ހަމައެކަނި ގަސް އިންދުމަަކަށް ނޫން ކަމަށާއި މޭވާ އަޅާ ގަސްތައް އިންދުމަށް ލިބޭމިންވަރަކުން އިސްކަންދޭ ކަމަށެވެ.

އަދި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނާސަރީތައް ދީފައިވަނީ ވަކި ކްރައިޓީރިއާތަކެއް ހަމަވާރަށްރަށުގައި ކަމަށާއި އެކަމަށް އެއްބާރުލުންދޭ ކައުންސިލަކާއެކު ކްރައިޓީރިއަރ ހަމަވާ ރަށްރަށުގައި ކުރިއަށްދާ ޕްރޮގްރާމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ބޭނުންވަނީ ސަސްޓެއިނަބަލް ގޮތަކަށް ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމް ކުރިއަށްގެންދަން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވިއެވެ.