އެކްސިޑެންޓުތައް ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ކޮންމެ އެކްސިޑެންޓަކަށް ފަހު، އެ އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރާ ވާހަކަ، ނުވަތަ އެކަންކަން ބެލުމަށް އޮފީހެއް ޤާއިމު ކުރާ ވާހަކަ އަދި ނުވަތަ ޤާނޫނު އިސްލާޙު ކުރާ ވާހަކަ ދެއްކުން އާންމު ކަމަކަށް ވެފައިވާކަމަށެވެ.
އޭގެ ބަދަލުގައި އެކްސިޑެންޓުތައް ހުއްޓުވުމަށް ހަރުދަނާ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެގޮތުން ކުރެވޭނެ މަސައްކަތްތަކެއް ވެސް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
ފައިސަލް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
ސަރުކާރުން ވަގުތުން ވަގުތަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފެށުން.
- ސްޕީޑް ބްރޭކަރާއި އުފުލިފައި ހުންނަ ޖަންކްޝަން މަތި ފަދަ ތަންތަން ރަނގަޅުކުރުމާއި، އާންމުކޮށް މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދުތަކުގައި ޒިބްރާ ކްރޮސްއަށް ސަމާލުވުމަށް ހުންނަ ލައިޓް ބޭނުންކުރުން.
- ނުރައްކާތެރި ހާދިސާތަކުން ދުރުކުރުމަށް ސްޕީޑް މެނޭޖްމަންޓް އަދި އެންފޯސްމަންޓް ފިޔަވަޅުތައް ދާއިމީގޮތެއްގައި އެޅުން.
- މަގުމަތިން މީހުން އެރުވުމާއި ބޭލުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެ އާދަ އާންމު ކުރުން.
- ލައިސަންސް ދިނުމުގައި ޤަވާއިދުތަކާއި އުސޫލުތައް ރަނގަޅަށް ދަސްވެފައި ހުރިކަން ކަށަވަރު ކުރުމަށްފަހު ނޫނީ ލައިސަންސް ނުދިނުން.
- ދުއްވާ އުޅަނދުގެ ބާވަތާއި އަދަދަށް ބަލާ މަގުތަކާއި މަގުތަކުގެ ގަވާއިދުތައް އެންމެންގެ ރައްކާތެރިކަމަށް ފަރުމާކުރުން.
- ފުލުހުންނާއި، ޓެކްސީ ސެންޓަރުތަކާއި، އުޅަނދުތައް ދުއްވާ ފަރާތްތަކާއި، ސްކޫލުތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް އަދި އޮފީސްތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދިގު މުއްދަތުގެ މަސައްކަތްތަކެއް ފެށުން.
- އެހެން މީހުންގެ ފުރާނަ އާއި ތިމާގެ ފުރާނަ އަށް ބެލުމެއް ނެތި ދުއްވާ ފަރާތްތަކާ މެދު އަލުން އެފަދަ ކަންކަން ތަކުރާރު ނުކުރާނެ ފަދަ ފިޔަވަޅު އެޅުން.
ސަރުކާރުން މިކަންކަމަށް އިސްކަން ދިނުމަށާއި، އާންމުންނަށް ފައިދާކުރާނެ ކަންކަމަށް ދެއްވާ ސަމާލުކަން އިތުރު ކުރެއްވުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.