ހުޅުމާލޭ ހިތިގަސް މަގުން ދަތުރުކުރި ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށް، މިއަދު ހެނދުނު 08:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މީހާ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.