"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމު" ނުވަތަ ފަރުމަސް އާލާކުރުމުގެ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރެވޭ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ، ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި އަސާސީ މެރިކަލްޗަރ ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށް، ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގަ އެވެ. އަދި ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ މި ފަންނީ ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 14 ދުވަހެވެ.

މިކޯހުގައި ކިޔަވައިދޭނެ މުހިންމު ބައިތަކަށް ބަލާލާއިރު، އެކްއަކަލްޗަރގެ ނިޒާމުތައް، ދިރޭ ކަނާ އާލާކުރުން، ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން، ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން، ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން، އިތާމުތް އާލާކުރުމުގެ އިތުރުން، މޫދުވިނަ ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން، އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން އަދި ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން ހިމެނެ އެވެ.

އެގޮތުން މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ ފޮނުވާނީ[email protected]އަށް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވާ އިރު، މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުސަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށްވެސް ބުނެފައިވެ އެވެ.

މި ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖައްސާފައިވާނީ ކ.މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގަ ނަމަވެސް ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އެ އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް މަސްވެރިކަމަާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

މި ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ބުރުގެ ބައިވެރިންގެ ތަމްރީނުތައް މިދިޔަމަހު ވަނީ ފަށާފައެވެ. މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށްވި އިރު އޭގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.