ގދ. ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީގެ މައްޗަށް މިހާރު ހިންގަމުންދަނީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް، ސިޔާސީ ގޮތުން ރޭވިގެން ހިންގާ ބޭއިންސާފު ތަޙުޤީޤުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢާޒިމް މިހެން ވިދާޅުވީ ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގައި، ސަޢުދު ޢަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެ ދަޢުވާއެއް އުފުލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޢާޒިމް ވަނީ، ސަޢުދުގެ މައްޗަށް ކޮށްފައިވަނީ ދޮގު ދަޢުވާތަކެއް ކަމަށް ވިދާޅުވެ، އެ ދަޢުވާތައް ވަގުތުން ވަގުތަށް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ސަރުކާރުން ހިންގަމުންގެންދާ މަސައްކަތްތަކުގެ ބޮޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށް ވިދާޅުވެ، ބިރުދެއްކުމާއި ސިޔާސީ ނުފޫޒުން ވެރިކަން ހިންގަން އުޅޭ މިފަދަ ހުދުމުޚުތާރު ވެރިކަމެއް ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް ޢާޒިމް ވަނީ ވިދާޅުވެފައެވެ.