ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ޓީމުގައި ތިބި ޤާބިލު، ސައްތައިންސައްތަ ދިވެހި ހުނަރުވެރި އިންޖިނިއަރުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އަޒުވަރު ދެއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ އިންޖިނިއަރިންގ ދާއިރާއަކީ ކޮންމެ ޤައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަ ކަމަށެވެ. އަދި އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ޙާޞިލުކޮށްގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި އިންޖިނިއަރުން ސްޓެލްކޯގެ ޚިދުމަތުގައި ސާބިތުވެ ތިބިކަމީ އެ ކުންފުންޏަށް ލިބޭ މަތިވެރި ޝަރަފެއް ކަމަށް އަޒްވަރު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ހުއްޓުމެއްނެތި، 24 ގަޑިއިރު އެންމެ ފުރިހަމަ ފެންވަރުގައި ފޯރުކޮށްދިނުމުގައި ދެމިތިބުމުގެ އަސްލަކީވެސް އެ ހުނަރުވެރި ޓީމުގެ ބުރަ އަދި އަގުހުރި މަސައްކަތް ކަމުގައި އަޒުވަރު ވަނީ ފާހަގަކުރައްވާފައެވެ.

އަޒުވަރު ވިދާޅުވީ، މާޒީގައި ވަސީލަތްތައް މަދު، އިންޖިނިއަރިންގ ކިޔެވުމަކީ ނުހަނު ދަތި އަދި ބުރަ ކަމެއްގެ ގޮތުގައި އޮތް ޒަމާނުގައި، އެތަކެއް ގޮންޖެހުންތަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ސްޓެލްކޯއާ ގުޅިވަޑައިގެންނެވި އިސް ރަން އިންޖިނިއަރުންގެ ވާހަކަ މިއަދު ހަނދާން އައުކުރަންޖެހޭ ކަމަށެވެ. މިއަދު ދެކޭ ތަރައްޤީގެ ބިންގަލަކީ އެ ބޭފުޅުންގެ ދަލާއި ލޭ ކަން ފާހަގަކުރައްވާ އަޒުވަރު ވިދާޅުވީ މި މުނާސަބަތުގައި، މިހާރުވެސް ކުންފުނީގެ ހިދުމަތުގައި ދެމިތިބި އިންޖީނިއަރުންނާއި، ކުންފުންޏަށާއި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ އިންޖިނިއަރުންގެ ޚިދުމަތުގެ އަގު ނުހަނު އުފަލާއެކު ވަޒަންކުރައްވާ ކަމަށެވެ.

މީގެއިތުރުން، ސްޓެލްކޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ތަމްރީނުތައް ހޯދައިދިނުމަށް ކަމަށް އަޒުވަރު ވިދާޅުވިއެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު އިންޖިނިއަރިންގ ކުންފުނިތަކުގެ ތަޖުރިބާ ހޯދައިދިނުމަށް، ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައިގެން އިންޖިނިއަރުންނަށް ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދެވިފައިވާ ކަމަށާއި، ނިމިދިޔަ 2 އަހަރަށް ބަލާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުން 2024 ވަނަ އަހަރު 535 ފުރުޞަތު އަދި 2025 ވަނަ އަހަރު 947 ފުރުޞަތު މުވައްޒަފުންނަށް ހޯދައިދެވިފައިވާ ކަމަށް އަޒުވަރު ވިދާޅުވިއެވެ.

އަޒުވަރު ވިދާޅުވީ، އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް މިހާރުވެސް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ ގިނަ އިންޖިނިއަރުންނަކީ އެ ކުންފުނިން އުނގަންނައިދީ ތަމްރީނުކޮށް ނެރެދީފައިވާ، އެ ކުންފުނީގެ އަމިއްލަ ފަޚުރުވެރި އުފެއްދުންތަކެއް ކަން އަޒުވަރު ވަނީ ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އަޒުވަރު އިތުރަށް ވިދާޅުވީ، މިއަދުގެ ޒުވާން ޖީލަށް ދޭން ބޭނުންވާ މެސެޖަކީ، މިހާރު އިންޖިނިއަރިންގ ދާއިރާ ޚިޔާރުކުރާ ދަރިވަރުންގެ ޢަދަދު ނިސްބަތުން މަދުނަމަވެސް، މިއީ އުފެއްދުންތެރިކަމާއި ކުރިއެރުމުން ފުރިގެންވާ، ޤައުމު ބިނާކުރުމަށްޓަކައި ޚިޔާރުކުރަން ނުހަނު މުހިންމު، ފުރުޞަތުތައް ތަނަވަސް ދާއިރާއެއް ކަމަށެވެ. އަދި ސްޓެލްކޯގެ ދޮރުތަކަކީ އަބަދުވެސް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަރުޙަބާ ކިޔުމަށް އަބަދުމެ ހުޅުވިފައިވާ ދޮރުތަކެއް ކަމަށާއި، ސްޓެލްކޯގެ އަމާޒަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރި، ޤާބިލު ދިވެހި ޖީލެއް ބިނާކުރުން ކަމަށް އަޒުވަރު ވިދާޅުވިއެވެ.