ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް 6.9 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.

މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފައިވަނީ، 27 އޮގަސްޓްގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.9 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި ކުރިއެރުން ލިބިފައިވަނީ ޓެކްސް އާމްދަނީ އާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. އަދި މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.

އެގޮތުން، 27 އޮގަސްޓްގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ 2025 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.97 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 239.5 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރު ލިބުނު 7.20 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ރިޕޯޓުން ދައްކަ އެވެ.

ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު ރިޕޯޓުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.91 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.2 އިންސައްތަ އިތުރުވެ، ޖުމްލަ 21.73 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ 19.7 އިންސައްތަ އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް، ކޯޕަރޭޓް އިންކަމް ޓެކްސް 6.1 އިންސައްތަ އިތުރުވެ 2.87 ބިލިއަން ރުފިޔާއަށް، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ، އަދި އެއަރޕޯޓް ސަރވިސް ޗަރޖާއި ޑިޕަރޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ 1.26 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް ވެސް 32.0 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، މި އަދަދު 1.68 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 88.0 އިންސައްތަ އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް އުފުލިފައިވާ ކަަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.