މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގެ ތިރީ ފްލޯގައި ހަރުކޮށްފައި ހުރި ބައެއް ލައިޓްތައް ވަގަށް ނެގުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، މިސްކިތުގެ ތިރީ ފަންގިފިލާއިން ޖުމްލަ ހަތަރު ލައިޓެއް ވަނީ ވަގަށް ނަގާފައެވެ. އެ މައްސަލަ ފާހަގަކުރެވުމާއެކު، އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިސްކިތް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭހެން ކައުންސިލުން މިހާރު އަލުން އައު ލައިޓްތައް ގަނެ، އެ ތަނުގައި ހަރުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިސްކިތްތަކަށް ގެއްލުންދީ، ތަކެތި ވަގަށް ނަގަމުންދާ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިފަދަ ނާތަހުޒީބު، ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތައް އަވަހަށް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް މާލެ ސަރަހައްދުގައި ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެއް ކަމަށް ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.
އެގޮތުން މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން މިސްކިތްތަކުން ނަމާދުކުރާ ފަރާތްތަކަށް ދޭ ހިދުމަތްތަކަށް ބުރޫއަރައި، ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންދާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.