މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕަރސަންގެ މަގާމަށް މއ. ދޭލިޔާގެ، އަބްދުﷲ ފާއިޒް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ ޗެއަރޕަރސަން ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ޢަބްދުﷲ ފާއިޒް އައްޔަނުކޮށްފައިވާ ކަމަށެވެ.
ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެމްޓީޑީސީ) ގެ ޗެއާމަން ކަމުގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ބޯޑުގެ ޗެއާމަންކަން ވެސް ވަނީ ކުރައްވާފައެވެ.
މިފްކޯގެ ޗެއާމަންގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.