ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ، މި ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި، އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށެވެ.

ދިވެހި ފުލުހުން، މި ޢަޒުމާއި މި ރޫހުގައި، މި އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުންމަތީ، އަބަދުމެ، ހިންމަތާއި އިހްލާސްތެރިކަމާއެކު ދެމިތިބުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

1933 ވަނަ އަހަރު ފުލުހުންގެ ހިދުމަތް ތައާރަފްކުރެވި، ވަކި، މަދަނީ މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައި ވަނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.