ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ އިދާރާތަކަށް ހަގީގަތާއި ހިލާފު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި, 2023 ވަނަ އަހަރު ތިނަދޫގައި 10،000 މީހުންގެ އާބާދީ އޮތްކަން ދެއްކުމަށްޓަކައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައިގެން ސައުދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މަޢުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 (ދިހަ ހާސް އެއް ސަތޭކަ ފަންސާސް) މީހުންކަމަށް ބުނެ، ޞައްޙަނޫން ލިސްޓެއް ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އެ މައްސަލާގައި ސައުދުގެ މައްޗަށް ކުރީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަން ފޮނުވީ ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑް ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އެގޮތުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާ 6 ދުވަހުގެ ޖަލު ހުކުމެއް އަންނައިރު, ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން އޭރުން ސައުދުގެ މޭޔަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.