4 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.

އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހއ. މުރައިދޫއާއި، ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުމުގެ މަޝްރޫއުއާއި، ދ.ބަނޑިދޫ ބަނދަރު ފުން ކުރުމާއި، ޖެޓީ ތަރައްގީކުރުމުގެ އިތުރުން ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫއުއެވެ.

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 56 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ނިންމާފައެވެ. އަދި ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ބްރޭކް ވޯޓާ ޖެހުމާއި ، 17300 ސީބީއެމް ވެލިން ބެކްފިލް ކުރުން ހިމެނެއެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ބަނޑިދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 3.5 މީޓަރަށް ބަނދަރު ފުން ކުރުމާއި، 4 މީޓަރަށް ނެރު ފުންކުރުމާއި 170 މީޓަރުގެ ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މީގެ އިތުރުން ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމާއި، 8.56 ހެކްޓަރުގެ ބިން ހިއްކުމާއި، 266 މީޓަރުގެ އެއްގަމުތޮށިޖެހުމާއި، ހަ މޫރިންގް ބޮއި ހަރުކުރުމާއި، ސޭންް ފިލްޑް ބްރޭކްވޯޓާ ހެދުމާއި، 692 މީޓަރުގެ ހިލަ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާއިރު 2 ނެރުބައްތިއާއިި 45 މަގު ބައްތި ޖެހުމާއި ޕޭވްމަންޓް ޖެހުމާއި ކޮންކްރީޓް ޖެޓީ އަދި ބްރިޖް ހެދުމަށް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.