ސަރުކާރުން ރާއްޖޭގައި "ކެޓް އައިލެންޑް" އެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފިހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކައި ރަނގަޅު ޕްރޮޕޯޒަލްއެއް ލިބިފައިވާ ކަމަށާއި އެ ޕްރޮޕޯޒަލްގެ އިވްލުއޭޝަން މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަސްލު އަޅުގަނޑުމެން މި އުންމީދު ކުރަނީ ބުޅާ ކޮމިޔުނިޓީއަށް ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި އެ މަޝްރޫއު އަޅުގަނޑުމެންނަށް ކާމިޔާބު މަޝްރޫއަކަށް ވެއްޖެކަމަށް ޔަގީނުންވެސް ވެގެންދާނީ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަޒީރު ވިދާޅުވީ، ދުނިޔޭގައި މިކަމަށް ވަރަށް ބޮޑު ކޮމިޔުނިޓީއެއްވެސް އޮންނަކަމަށާއި ރާއްޖެ ކަހަަލަ ގައުމެއްގައި މިފަދަ ރަށެއް ނުވަތަ ފެސިލިޓީއެއް ޒަމާނީ ހިދުމަތްތަކާއި އެކީގައި ގާއިމްވެގެން ދިޔުމަކީ އިންޓަރނޭޝަނަލް ކޮމިޔުނިޓީތައް ޝައުގުވެރި ވާނެ ކަމެއް ކަމަށެވެ.

އޮޅުހިޔާ ޝެލްޓަރ ގައި މިވަގުތު 281 ބުޅާ އެބަތިބި ކަމަށާއި އޮގަސްޓް މަހު 35 ބުޅާ ގެނެސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބުޅަލަށް ދޭންޖެހޭ ފަރުވަ ދިނުމުގަޔާ އަދި ވަކިން ހާއްސަކޮށް އަލުގަނޑުމެންނަށް މަގު މައްޗަށް ދޫކުރެވޭ ބުޅަލަކީ އެ ބުޅަލުގެ ސަބަބުން އިތުރު އެއްވެސް އުނދަގުލެއް ނޫނިއްޔާ އިތުރު ކަމެއްވެސް ޕަބްލިކްއަށް ނާންނާނެ ގޮތަށް އަދި އެ ބުޅަލަށް ދޭންޖެހޭ ރައްކާތެރިކަން ވެސް ދެވޭ ގޮތަށް ތައްޔާރު ކުރެވޭ ނުވަތަ ޑިވަލޮޕް ކުރެވޭ ފެސިލިޓީއަކަށް މިހެދުން އެއީ އަޅުގަނޑުމެންގެ އަމާޒު

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

މީގެއިތުރުން ވަޒީރު ވިދާޅުވީ މި ވަގުތު ކުރިއަށްދަނީ ތަނުގެ އާބާތުރަފިލުވައި، ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު، ހިދުމަތް ދެވޭ މިންވަރު 500 އަށް އިތުރުވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީން ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް މާޗް 2024 ގައި ފަށައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަން ހުޅުވައިދެއްވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.