މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވުމާ ގުޅިގެން އެކުދިންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާތަކާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ކުދިން ނިޔާވި ހަބަރުން މުޅި ގައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާސްތަކެއް ކުރުވި ކަމަށާއި، މައުޞޫމް 2 ކުދިންގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ވަކިން ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމު ކަމަށާއި، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވަނީ، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުއިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، ހާއްސަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްުރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ދިވެހި މުޖުތަމަޢާއި ޢާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.