ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކޮންޓެންޓްތައް އާންމު ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު(އެމްބީސީސީ)ން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ކޮންޓެންޓް އާންމު ކުރުމަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފް ކަމެއް ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ބުނީ އެފަދަ ތަކެތި ދައުރުކުރުމަކީ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ 10 ވަނަ މާއްދާގެ ޅ އާއި 11 ވަނަ މާއްދާގެ ށ އާއި ނ އާއި ހިލާފު ކަމެއް ކަމަށެވެ.
އެހެންވެ، އެފަދަ ޕޯސްޓްތައް ދައުުރު ނުކުރުމާއި އަދި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކޮށް، ފުލުހުންނަށް އެއްބާރުލުން ދިނުމަށް މީޑިއާ ކޮމިޝަނުން ވަނީ އެދިފައެވެ.
ކުޑަކުދިންގެ ކަރާމާތް ގެއްލޭ ކޮންޓެންޓު ނުދައްކަން މީޑިއާ ކޮމިޝަނުން އެދިފައި ވާއިރު، އިމާރާތަކުން ކުއްޖަކު ވެއްޓުނު ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން މިއަދު ވަނީ އެ ހަބަރާއި ފޮޓޯއާ ވީޑިއޯ ހިއްސާ ނުކުރުމަށް އެދިފައެވެ.