ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ އަދި މާލީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަނެއްކާވެސް ގޮވާލައިފިއެވެ.

އެމްޑީޕީން މިގޮތަށް ގޮވާލާފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 137 ވަނަ ބައްދަލުވުމަށް ޙާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުން ރޭ ރޭ ފާސްކުރި ގަރާރެއްގައެވެ.

އެމްޑީޕީން ފާސްކުރި ގަރާރުގައި ސަރުކާރުން އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކަކީ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކެއް ކަމަށް ވަނީ ސިފަކޮށްފައެވެ. އަދި އެފަދަ ނިންމުންތައް ނިންމުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް އިލްތިމާސްކޮށްފައިވާއިރު، މަޝްވަރާގެ މަގުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުޒުރުވެރިވާނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސިލްސިލާ ސީދާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އެ ގަރާރުގައި ވަނީ ފާސްކޮށްފައެވެ. މިގޮތުން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައިވެސް އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީގެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރެވޭނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވިޔަފާރިވެރިން ކުރާ އިތުބާރު ބޮޑުކޮށްގެން ކަމަށެވެ. ހަމައެހެންމެ ޑޮލަރުގެ އަގު ތިރިކޮށް، ތަކެތީގެ އަގުތައް ހެޔޮކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ޑޮލަރުގެ މިންވަރު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށްވެސް އެ ޕާޓީން ނެރުނު ގަރާރުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންނަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.