މި އަހަރަށް އިތުރު 7 އައިސް ޕްލާންޓެއްގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާް ވިދާޅުވީ ބައެއް އައިސް ޕްލާންޓްގެ މަސައްކަތް ފެށިފައިވާ ކަމަށާއި ބައެއް އައިސް ޕްލާންޓްގެ މަސައްކަތް ފެށުމުގެ މަރުހަލާގައި ހުރި ކަމަށެވެ.
އެގޮތުން މ. ވޭވަށު 60 ޓަނުގެ އައިސް ޕްލާންޓެއް، ޅ. ނައިފަރު 40 ޓަނުގެ އައިސް ޕްލާންޓެއް، ލ. މާބައިދޫ 25 ޓަނުގެ އައިސް ޕްލާންޓެއް، ލ. މާވަށް 10 ޓަނުގެ އައިސް ޕްލާންޓެއް، ލ. ހިތަދޫ 10 ޓަނުގެ އައިސް ޕްލާންޓެއް، އއ. އުކުޅަސް 5 ޓަނު އަދި ބ. ކުޑަރިކިލު 5 ޓަނުގެ އައިސް ޕްލާންޓެކެވެ.
މި ސަރުކާރުން މިހާތަނަށް 5 އައިސް ޕްލާންޓެއް އަލަށް ގާއިމްކޮށް އޮޕަރޭޝަންއަށް ގެނެސްފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް އައިސް ލިބޭނެ ގޮތް ހަމަޖެމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެ އިތުރުން، 11 އައިސް ޕްލާންޓްގެ މަސައްކަތް 2027 ޖޫންގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަން ވަޒީރު ވިދާޅުވިއެވެ.
އެއީ
ހދ. ކުޅުދުއްފުށި- 30 ޓަނު
- ދ. ހުޅުދެލި- 30 ޓަނު
- މ، މުލައް- 30 ޓަނު
- ގއ. ދާންދޫ- 30 ޓަނު
- ކ. ގާފަރު- 30 ޓަނު
- ހއ. ދިއްދޫ- 30 ޓަނު
- އއ. ރަސްދޫ- 30 ޓަނު
- ގދ. ރަތަފަންދޫ- 30 ޓަނު
- ގއ. ނިލަންދޫ- 30 ޓަނު
- ގއ. ވިލިގިލި - 30 ޓަނު
- ނ. ކޮމަންޑޫ - 30 ޓަނު
- ބ. ކުޑަރިކިލު- 05 ޓަނު
މި ސަރުކާރު އައިސް މިހާރު ހުރި އައިސް ޕްލާންޓްގެ ކެޕޭސިޓީއަށް 145 ޓަނު އިތުރު ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ އަމާޒަކީ ހުރިހާ އައިސްް ޕްލާންޓެއް ނިންމާ 630 ޓަނުގެ ކެޕޭސިޓި އިތުރު ކުރުން ކަމަށެވެ.