ހުޅުމާލޭގައި ފޭސް ދޭއްގެ "އަމާން އުދަރެސް" ޓަވަރަކުން އިއްޔެ ވެއްޓުނު އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ބުނީ އަމާން އުދަރެސް 2 ގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓިފައި ވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދިނުމަށް ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ އެ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި ހާލަތު އިތުރަށް ދެނެގަތުމަށްޓަކައި އެ ކުއްޖާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައި ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި ހާދިސާ ހިނގި ގޮތް ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.