ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ފަހަތުން އަރައި ރަޔޯ ވަޔެކާނޯގެ މައްޗަށް ކުރިހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސާއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 12 ވަނަ މިނެޓުގައި ވަޔެކާނޯއިން ބާސާ ކޮޅަށް ލަނޑު ޖަހައި ލީޑު ނެގި އެވެ. މި ލަނޑު ޖަހައިދިނީ ސާޖިއޯ ކަމޭޔޯ އެވެ.

ނަމަވެސް މެޗުގެ 19 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހައި ބާސާއަށް އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބާސާއަށް ލީޑު ނަގައިދިނީ ސްޕެއިންގެ ތަރި ލަމީން ޔަމާލް އެވެ. މިއީ ޔަމާލް ބާސާއަށް ޖަހައިދިން 50 ވަނަ ލަނޑެވެ.

ދެވަނަ ހާފުގެ ހަ ވަނަ މިނެޓުގައި ބާސާގެ ލީޑު ފުޅާވީ، އެ ޓީމުގެ އެންތަނީ ގޯޑަން ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަޔެކާނޯގެ ފްލޯރިއަން ލޭޖޫން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 59 ވަނަ މިނެޓުގައި ވަޔެކާނޯގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ކަމޭޔޯ އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި، ބްރެޒިލްގެ ފޯވާޑް ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. މިއީ މިފަހަރުގެ ލީގުގައި ބާސާ ކުޅުނު ތިން މެޗުން ރަފީނިއާ ކާމިޔާބުކުރި ފަސް ވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ. މެޗުގެ 90 ވަނަ މިނެޓުގައި ބާސާގެ ފަހު ލަނޑު ޖަހައިދިނީ ޔަމާލް އެވެ.

މި މޮޅާއެކު ބާސާއިން މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑުން ވެސް އެ އަދަދަށް ޕޮއިންޓް ހޯދާފައި ވީނަމަވެސް، ފައިދާ ލަނޑުގެ ތަފާތުން އެއްވަނަ ލިބެނީ ބާސާއަށެވެ.