ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ގާނޫނާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން މިހެން ބުނެފަައި މިވަނީ ޑޮލަރުގެ މުއާމަލާތް ކުރާ ފަރާތްތަކުގެ އެކައުންޓުތަކުގެ މައުލޫމާތު ހޯދުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަށް ފޮނުވާފައިވާ ކަމަށްބުނެ ސިޓީއެއް ދައުރުކުރަމުން އަންނާތީއެވެ.

އެގޮތުން އެކަމަށް އިޝާރާތްކޮށް ބީއެމްއެލް އިން ރޭ ބުނީ ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިންގ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުން ކަމަށެވެ.

ހަމައެހެންމެ ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން އެ ބޭންކަށް ސިޓީއެއް ފޮނުވާފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެެއްކަން ބީއެމްއެލް އިން ބުނެފައި ވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާންގެ ނަމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް ފޮނުވާފައިވާ ކަމަށްބުނާ އެ ސިޓީގައި ވަނީ، މަނީ އެކްސްޗޭޖް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކާއި އަދި އެ ފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށްވުރެ މަތީގެ އަދަދުތަކުން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ އެކައުންޓުތަކުގެ ފާއިތުވި ހަ މަސްދުވަހުގެ ބޭންކް އެކައުންޓު ސްޓޭޓްމަންޓުތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރުން އެ ފޭކް ސިޓީގައި ވަނީ މައުލޫމާތު ހިއްސާކުރާ އިރު، ސީއެސްވީ ފޯމެޓަށް މައުލޫމާތު ހިއްސާކޮށްދިނުމަށާއި، އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ފޯނު ނަންބަރާއި ވަޒީފާ އަދާކުރަމުން ގެންދާތަން ފަދަ މައުލޫމާތުތައް ވެސް ހިއްސާކޮށްދިނުމަށް އެދިފައެވެ.

ހޯމް މިނިސްޓްރީންވެސް ވަނީ އެ ސިޓީއަކީ ސައްހަ ނޫން އެއްޗެއްކަން ކަށަވަރުކޮށްދީފައެވެ.