އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 39 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.

މެސީ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އުނދަގޫ އަދި ހިތްދަތި ނިންމުމެއް ކަމުގައި ވީނަމަވެސް، މިއީ އެ ނިންމުން ނިންމަންޖެހޭ ވަގުތު ކަމަށެވެ. އަދި ގައުމީ ޓީމަށް ޓަކައި އޭނާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއްވެސް ކޮށްދީފައިވާ ކަމަށާއި، ގައުމީ ޖާޒީގައި ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް ދުވަހަކުވެސް ނުފޮހެވޭނެކަމަށް މެސީ ބުނެފައިވެ އެވެ.

މީގެއިތުރުން މެސީ ވަނީ ކެރިއަރުގައި އޭނާގެ އާއިލާ އާއި ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އަށް ފަހަރު ބެލަންޑޯ އެވޯޑުވެސް ހޯދާފައިވާ މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހު، ހަންގޭރީއާ ދެކޮޅަށެވެ. ގައުމީ ޓީމަށް ޖުމްލަ 207 މެޗު ކުޅެދިން މެސީ ވަނީ 125 ލަނޑު ޖަހައި، 68 ލަނޑު އެސިސްޓްކޮށްދީފަ އެވެ.

އާޖެންޓީނާއާ އެކު ހަ ވޯލްޑް ކަޕެއްގައި ކުޅުނު މެސީ ވަނީ ޓީމާއެކު ތިން ފަހަރު މުބާރާތުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރާއި މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު، މެސީގެ ކެޕްޓަން ކަމުގައި އާޖެންޓީނާއިން ތަށި އުފުލާލީ 2022 ވަނަ އަހަރުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ.

ވޯލްޑް ކަޕްގެ އިތުރުން މެސީ ވަނީ އާޖެންޓީނާއާ އެކު 2021 އަދި 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި ވެސް އުފުލާލައިފަ އެވެ. އަދި 2022 ވަނަ އަހަރު، ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފީނަލީސިމާ ވެސް ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.