އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ދިވެހިރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބްރޫނާއީ ދާރުއްސަލާމް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖެ ހިމެނެނީ ގްރޫޕް ކޭގަ އެވެ. ރާއްޖެ އާއި ބްރޫނާއީގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ މިޔަންމާ އަދި ސްރީ ލަންކާ އެވެ.
މިޔަންމާގައި އިއްޔެ ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ބްރޫނާއީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ރާއްޖެއިން ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓުގައި އީތަން އިބްރާހީމް ޒަކީ ޖެހި ލަނޑުންނެވެ. މިއީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައަކުން އީތަން ކާމިޔާބުކުރި ލަނޑެކެވެ.
ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނެވެ. ނައްސާހު އިބްރާހީމް ނާސިރު ނަގައިދިން ހުރަަހަކުން އިލާން މި ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓުގަ އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުގައި މިޔަންމާއިން ވަނީ 4-0 އިން ލަންކާ ބަލިކޮށްފަ އެވެ.
ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރާއްޖެއިން މިޔަންމާއާ ވާދަކުރާނީ އާދިއްތަ ދުވަހު އެވެ.