ހޯމް މިނިސްޓަރު އަލީ އިހުސާންގެ ނަމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް ފޮނުވާފައިވާ ސޓީއެއް ކަމަށް ބުނެ ސައްޙަ ނޫން ސިޓީއެއް މީސްމީޑިއާގައި ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިނިސްޓަރު އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މިނިސްޓްރީގެ ރަސްމީ ސިޓީއެއްކަމަށް ދެއްކުމަށް ހަދާފައިވާ އެ ސިޓީ ހިއްސާ ކުރައްވާ އެ ފޭކް ސިޓީ މީސްމީޑިއާގައި ދައުރު ކުރަމުން އަންނަ ކަން ހާމަކުރައްވާފައެވެ. އަދި ހޯމް މިނިސްޓްރީ އަކީ ތަހުގީގު ހިންގާ އިދާރާއެއްކަމަށް ނުވާތީ އެފަދަ އެއްވެސް ލިޔެކިއުމެއް ބޭންކަށްވެސް އަދި އެފަދަ އެހެން އިދާރާއަކަށްވެސް ފޮނުވާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް އެންމެހާ ފަރާތްތަކަށް މިނިސްޓަރު ވަނީ އިލްތިމާސްކުރަައްވާފައެވެ.

ހޯމް މިނިސްޓްރީގެ ނަމުގައި މީސްމީޑިއާގެ މަންސަތަކުގައި ދައުރުކުރަމުންދާ އެ ފޭކް ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން ކަމަށް ބުނެ، މަނީ އެކްސްޗޭންޖު ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ އެކައުންޓުތަކާއި، އެފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށް ވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ އެކައުންޓް ސްޓޭޓްމަންޓްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މިގޮތުން އެ މައުލޫމާތު ހިއްސާކުރާ އިރު، ސީއެސްވީ ފޯމެޓަށް މައުލޫމާތު ހިއްސާކޮށްދިނުމަށާއި، އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ފޯނު ނަންބަރާއި ވަޒީފާ އަދާކުރަމުން ގެންދާތަން ފަދަ މައުލޫމާތުތައް ވެސް ހިއްސާކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި، ޕްރޮމޯޓްކުރުމަކީވެސް ކުށެކެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.