ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދާ ދެނެގަނެ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، 6 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޓެއިންކޮށްފައިވާ ކަމަށެވެ.
އެގޮތުން އަތުލައިގަތް ނެޓްވޯކްގައި ހިމެނެނީ ބަންގްލަދޭޝްގެ 4 ފިރިހެނުންނާއި، އިންޑީއާ އަށް ނިސްބަތްވާ 2 ފިރިހެނުންނެވެ. ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވަނީ އެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ.
އެގޮތުން މިހާތަނަށް ތަހުޤީޤުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި މިފަރާތްތަކުގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550 ރުފިޔާ އާއ،ި 1،627،810 ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަގަކުރެވިފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ މިފަރާތްތަކަކީ ހުއްދަދެވިފައިވާ މަސައްކަތްކުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ޤާނޫނާ ޚިލާފަށް ބޭރު ފައިސާގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާއި ޚިލާފު އަމަލުތަކުން ހޯދައި ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެފަރާތްކާއި ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ފަރާތަކުން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަމަށްވާތީ، ޤާނޫނާއި ޚިލާފް އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުންވަނީ އެދިފައެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.