ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދެވެ.
މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ގެނައި ބަދަލުތަކާއެކު، މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ. ރައީސް މުޢިއްޒު އެ ބިލު ތަޞްދީޤުކުރައްވާފައި ވަނީ، މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އިޞްލާޙުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާއި މަސްވެރި އުޅަނދުތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަން ކުރުމާއި، އެކުއަކަލްޗަރކުރުމުގެ އުސޫލުތަކާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ އުސޫލު ބަޔާންކުރުމާއި މި ނޫންވެސް ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އިޞްލާޙުތައް ގެނައުމެވެ.
މި އިޞްލާޙާއެކު، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްޤީކުރެވިފައިވާ، މަސްވެރިކަމަށް ޚާއްޞަކުރެވިގެން ފޯރުކޮށްދޭ ޚިދުމަތްތައް ލިބޭ، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެފަދަ މަސްވެރިކަމާ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަށް ކަމާގުޅޭ ވުޒާރާއިން އުސޫލުތައް އެކުލަވާލަންވާނެ ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކުއަކަލްޗަރކުރުމަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށް، އެކަމާ ގުޅޭ އުސޫލުތައް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު، މަސްވެރިކަމުގެ ޤާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާކުރެވޭ އަދަދުތަކަށް ވަނީ އިޞްލާޙު ގެނެސްފައެވެ.
މި އިޞްލާޙުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.