މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައި ވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލު ފާސްކުރައްވާފައި ވަނީ، 23 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިންނެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުމަށްޓަކައި، އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

އެގޮތުން މި ބިލުގައި ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ޚިދުމަތަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީ.އެސް.ޓީ ނެގޭނެ މުދަލާއި ޚިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

މި އިޞްލާޙު އަމާޒުކުރެވެނީ، އޯފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގުމަށެވެ.

މިގޮތުން، އެފަދަ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 (ސަތާރަ) އިންސައްތައިގެ ރޭޓުންނެވެ.

އަލަށް ތަޢާރަފްކުރެވޭ ޓެކްސް ނަގަން ފަށާނީ، 1 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.

މީގެ އިތުރުން މި އިޞްލާޙާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ އަންގާފައެވެ.

މި ބިލުގައި ބުނެފައިވާގޮތުން މި ބިލު ފާސްކޮށް އެ އިސްލާހުތަކާ އެއްގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1،309.2 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1،608.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.